
ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން، 10،000ރުފިޔާ އޮތް ވޮލެޓެއް ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ސައިކަލެއްގައި ދިޔަ ދެ މީހަކު، ބައިސްކަލެއްގައި ދިޔަ މީހަކު އަތުން ފޭރުނު މައްސަލަ 2026 ޖުލައި 26ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާ އެކު، ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި، އިންވެސްޓިގޭޝަން ގުޅިގެން ފަށާފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީ ފުޓޭޖް ބަލައި އެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތުން ޖުލައި 26ވަނަ ދުވަހުގެ ރޭ 12:30 އެހައިކަންހާއިރު، އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި އަތަމާގެ / ގދ. ވާދޫ، ޢިޖާޒު ނަޞީރު (40އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ބިދޭސީ މީހާގެ އަތުން އެ މީހުން ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، ޖުލައި 29ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް އެ މީހާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެ ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

