
މި އަހަރުގެ ފުރަތަމަ 6މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %9.68އިތުރުވެ، 76.5މިލިއަން ޑޮލަރު އިތުރަށްއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޑޮލަރުން ބަލައިގަތް އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޑޮލަރުން ލިބިފައިވަނީ ޖުމްލަ 791.3މިލިއަން ޑޮލަރެވެ. ނަމަވެސް، މި އަހަރުގެ (2026ވަނަ އަހަރުގެ)ޖަނަވަރީ އިން ޖޫންގެ ނިޔަލަށް އެ އަދަދު ވަނީ 867.9މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
އާމްދަނީ އެންމެ ބޮޑަށް ލިބުނު ދާއިރާތައް
މި މުއްދަތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަދެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، ނުވަތަ ޓީޖީއެސްޓީ އިންނެވެ. މީގެ އިތުރުންވެސް ދައުލަތަށް އެންމެ ގިނައިން ޑޮލަރު ވަދެފައިވަނީ ސީދާ ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކާއި ފީތަކުންކަން ފާހަގަކޮށްލެވެއެވެ.
ފުރަތަމަ 6މަސް ދުވަހު އެންމެ ގިނައިން ޑޮލަރުން އާމްދަނީ ލިބުނު 5ދާއިރާ
ޓީޖީއެސްޓީ – 431.4މިލިއަން ޑޮލަރު
ގްރީން ޓެކްސް – 79މިލިއަން ޑޮލަރު
ޓޫރިޒަމް ލޭންޑް ރެންޓް – 73.6މިލިއަން ޑޮލަރު
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ – 69.8މިލިއަން ޑޮލަރު
ޑިޕާޗާ ޓެކްސް – 69.1މިލިއަން ޑޮލަރު
މި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓީޖީއެސްޓީގެ ގޮތުގައި 399.7މިލިއަން ޑޮލަރު ލިބުނުއިރު، މި އަހަރު އެ އަދަދު ވަނީ 431.4މިލިއަން ޑޮލަރަށް އިތުރުވެފައެވެ. ހަމައެހެންމެ، ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 73މިލިއަން ޑޮލަރު ލިބިފައިވާއިރު، މި އަހަރު އެ އަދަދުވެސް ވަނީ 79މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

