
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ ކުއާޓަރުގައި ޖުމްލަ ވައިގެ ދަތުރުފަތުރުގެ ޙަރަކާތްތައް ހުރީ 48,966ގައެވެ. މި ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ވައިގެ ދަތުރުތައް ކޮށްފައިވަނީ ސީޕްލޭންތަކުންނެވެ.
ޖުމްލަ 48,966 ވައިގެ ދަތުރުގެ ތެރެއިން، ބައިނަލްއަޤްވާމީ ދަތުރުތަކުގެ ގޮތުގައި ކުރެވިފައި ވަނީ 6,714 ދަތުރެވެ. އަދި އެތެރޭގެ އުދުހުންތަކުގެ ގޮތުގައި 5,957 ދަތުރު ކުރެވިފައިވާއިރު، ސީޕްލޭންގެ ޙަރަކާތްތައް ވަނީ 36,295އަށް އަރާފައެވެ. މިއީ ޖުމްލަ ވައިގެ ދަތުރުތަކުގެ ބޮޑު ބައެކެވެ.
އޮޕަރޭޝަނަލް ޙަރަކާތްތަކުގައި ސީޕްލޭން ކުރިހޯދާފައިވީ ނަމަވެސް، ފަސިންޖަރުންގެ އަދަދަށް ބަލާއިރު އެންމެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައި ވަނީ ބައިނަލްއަޤްވާމީ ވީލް ބޭސްޑް އުދުހުންތަކުންނެވެ. މި ކުއާޓަރުގައި ވީ.އައި.އޭ އިން ޖުމްލަ 1.62 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދީފައިވާއިރު، މީގެ ތެރެއިން 1.04 މިލިއަން ފަސިންޖަރުންނަކީ ބައިނަލްއަޤްވާމީ ދަތުރުވެރިންނެވެ. ސީޕްލޭން އިން ދަތުރުކުރީ 341,792 ފަސިންޖަރުންނެވެ.
އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައި ވަނީ ވީލް ބޭސްޑް އުދުހުންތަކުން، 5 އެޕްރީލް 2026ގައި ކަމަށްވާއިރު، އެ ދުވަހު 18,924 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. ސީޕްލޭންގެ ރެކޯޑް އަދަދެއް ދައްކަނީ 12 އެޕްރީލް 2026ގައި 5,707 ފަސިންޖަރުންނާ އެކު ގައެވެ.

