
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އަދި މެންބަރު ކަމަށް، ވިޔަފާރީގެ ރޮނގުން ފުންނާބުއުސް ޢަބްދުﷲ ފާއިޒް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު އައްޔަންކުރައްވައިފިއެވެ.
މީގެކުރިން ވެސް ދައުލަތުގެ ބޮޑެތި ކުންފުނިތަކެއްގެ އެންމެ އިސް މަޤާމުތައް ފުރުއްވާފައިވާ ފާއިޒަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަކުރައްވާފައިވާ ތަޢުލީމީ ބޭފުޅެކެވެ. އޭނާ ވަނީ 2019ވަނަ އަހަރު އެމްޓީޑީސީގެ ޗެއަރމަންކަން ކުރެއްވުމުގެ އިތުރުން، އެސްޓީއޯގެ ބޯޑުގެ ޗެއަރމަންކަން ވެސް ކާމިޔާބުކަމާ އެކު އަދާކުރައްވާފައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، މއ.ދޭލިޔާގެ ޢަބްދުﷲ ފާއިޒް ވަނީ އައްޔަނުކޮށްފައި. pic.twitter.com/dt4S95Qfkn
— Privatization & Corporatization Board (@pcb_gov) September 1, 2026
ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ތިރީހަކަށް އަހަރު ހޭދަކުރައްވާފައިވާ ފާއިޒް ވަނީ ރާއްޖޭގެ މަޝްހޫރު އަމިއްލަ ކުންފުނިތަކުގައި ވެސް މުހިންމު ޒިންމާތަކެއް އުފުއްލަވާފައެވެ. އޭގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގްގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ވިލާ ގްރޫޕުގެ ބައެއް ކުންފުނިތަކުގެ އިސް މަޤާމުތައް ކަމަށްވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގްގެ ޑިރެކްޓަރ ޓު ދަ ޗެއަރމަން އަދި ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕްރޮމޯޝަންސްގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ކޭޓަރިންގ އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގެ ތަޖުރިބާ ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.
ރާއްޖޭގައި ވިޔަފާރިއާ ގުޅުންހުރި ގިނަ ޖަމިއްޔާތަކެއް ވުޖޫދަށް ގެނައުމުގެ މޭސްތިރިއެއްގެ ގޮތުގައި ފާއިޒް ފާހަގަކުރެވެއެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި)، މޯލްޑިވްސް ޓްރޭޑަރސް އެސޯސިއޭޝަން، މާސީ، އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ފަދަ ޖަމިއްޔާތަކަކީ އޭނާގެ ބައިވެރިވުމާ އެކު އުފެއްދި ތަންތަނެވެ. ހަމައެހެންމެ، އެމްއެންސީސީއައިގެ ސެކްރެޓަރީ ޖެނެރަލްކަމާއި، 2001އިން ފެށިގެން ސާކް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރުކަމުގެ އިތުރުން އެތަނުގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވިއެވެ.

