
މިފްކޯގެ ކުރީގެ ޗީފް އޮޕަރޭޓިން އެގްޒެކެޓިވް (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) ޑރ. ވިޓާލީ ލިއުބިމޮވް އެދިވަޑައިގަތް ބަދަލު ނަގައިދެވެން ނެތް ކަމަށް ޓްރައިބިއުނަލުން ނިންމައިފިއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި ގޮތަށް ހުކުމްކުރީ، މިފްކޯގެ ފުރަތަމަ ބޭރު ސީއީއޯ އަދި އެމްޑީ ޑރ. ވިޓާލީ ލިއުބިމޮވް ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 42،000 ޑޮލަރު (647،640 ރުފިޔާ) ހޯދަން ހުށަހެޅި މައްސަލައިގައެވެ.
މިފްކޯ ހިންގުމުގެ އިސް މަގާމުތަކާ ވިޓާލީ ހަވާލުވެވަޑައިގަތްތާ ތިން މަސްދުވަސް ފަހުން، މިދިޔަ އަހަރުގެ މާޗު މަހު އޭނާ ވަކިކުރުމުން ޓްރައިބިއުނަލަށް ހުށަހެޅި ދައުވާގައި އޮންނަނީ، މަގާމުން ވަކިކުރަންވާނީ 3 މަސް ދުވަހުގެ ނޯޓިސްއެއް ދީގެން ކަމަށާއި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް އެ ނޯޓިސް ނުދީ ވަކިކުރި ކަމަށެވެ.
ޓްރައިބިއުނަލްގަައި މައްސަލަ ބެއްލެވި މެންބަރު މަރިޔަމް ރިޝްފާ ނިންމެވީ ވިޓާލީ ހުށަހެޅުއްވި ވަޒީފާގެ އެއްބަސްވުމަކީ ގާނޫނީގޮތުން ތަންފީޒު ކުރެވޭނެ ސައްހަ އެއްބަސްވުމެއް ނޫން ކަމަށެވެ. ސަބަބަކީ އެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އޭރު އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓް ވަގުތީގޮތުން ހިންގެވި ވެރިޔާއަށް ވެފައި، ކުންފުނީގެ އަސާސީ ދުސްތޫރާއި ކުންފުނިތަކުގެ ގާނޫނު ބުނާގޮތުން އެފަދަ އެއްބަސްވުމެއްގައި ސޮއިކުރެވޭނީ ބޯޑުން ހުއްދަދީފައިވާ ފަރާތަކަށް ނުވަތަ ބޯޑުގެ ދެ ޑިރެކްޓަރަކަށް ކަމަށްވާތީއެވެ.
އެޗްއާރުގެ ވެރިޔާއަށް އެފަދަ ސޮއިއެއް ކުރުމުގެ ބާރު ބޯޑުން ދީފައިނުވާތީ، އެ އެއްބަސްވުން ބާތިލުވެ، މުސާރައިގެ ނުވަތަ ގެއްލުމުގެ ބަދަލެއް ނަގައިދެވޭނެ ގާނޫނީ ޖާގައެއް ނެތް ކަމަށް ޓްރައިބިއުނަލުން ކަނޑައެޅީއެވެ.

