
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މަރުކަޒުތަކުން ކްރެޑިޓަށް ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިފްކޯގެ މައި އިދާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި، މި ފަހުމުނާމާގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު އަނަސްއެވެ. އަދި އެފްއެސްއެމް ތަމްސީލުކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު އާޝާންއެވެ.
އައު އިންތިޒާމުގެ ދަށުން، މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ގާއިމުކޮށްފައިވާ އެފްއެސްއެމްގެ ސްޓޭޝަންތަކުން މިއަދުން ފެށިގެން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބިގެންދާނެއެވެ. އެގޮތުން، މަސްކިރުވުމަށް ފަހު ލިބޭ ބިލު ހުށަހެޅުމުން ދޯންޏަށް ބޭނުންވާ ތެޔޮ އެޅޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ތެލަށްވާ ފައިސާ، މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރާ ފައިސާއިން އުނިކުރެވިގެންދާނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ކްރެޑިޓަށް ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަކީ ރާއްޖޭގެ މަސްވެރިންގެ ފަރާތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. ހާއްސަކޮށް މިފްކޯގެ ސީއީއޯ ކަމާ މުޙައްމަދު އަނަސް ހަވާލުވެވަޑައިގެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި މަސްވެރިންނާ ބައްދަލުކުރައްވައި، މި ކަންބޮޑުވުންތައް ވަނީ އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިރުޝާދުގެ މަތިން މި ގެނެވުނު ބަދަލާ އެކު، އޮޑިވެރިންނަށް ތެޔޮ ގަތުމަށް އުފުލަންޖެހޭ މާލީ ބުރައަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެއެވެ. މިއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ.

