
ޞިއްޙީ ރައްކާތެރިކަން ފޯރުކޮށްދޭ އިދާރާ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއިން ހިމަބިހި (މީސްލްސް) ޖެހިފައިވާ ނުވަ މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް ހާދިސާއެއްގެ ތަހުލީލުތައް މިހާރު ވެސް ދަނީ ކުރިއަށެވެ.
އެޗްޕީއޭއިން މިއަދު ހާމަކުރި މައުލޫމާތުގައި، މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ. އެގޮތުން، ހުން އައުމާއެކު ގައިގައި ރަތްކުލައިގެ ބިހިތަކެއް ނަގަން ފަށައިފިނަމަ ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށާއި، ޞިއްޙީ ފަރުވާ ހޯދުމަށް ކްލިނިކް ނުވަތަ ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް ވަނީ އިރުޝާދުދީފައެވެ. އޭގެ އިތުރުން، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ، އޭގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އާންމުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހީގެ ފުރަތަމަ އަލާމާތެއްގެ ގޮތުން އާންމުކޮށް ބިހި ނަގަން ފަށާނީ މޫނާއި ކަރުގައެވެ. އޭގެ ފަހުން މުޅި ހަށިގަނޑަށް ފެތުރި، ހާއްސަކޮށް މޭމައްޗާއި، ބުރަކަށީގެ އިތުރުން އަތްފައިގައި ވެސް މި ބިހިތައް ނަގަން ފަށާނެއެވެ.
ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ މި ވައިރަސް އަކީ، ބަލިމީހާ ކެއްސައި ކިނބިހި އެޅުމުގެ ސަބަބުން ވައިގެ ތެރެއަށް ދޫވެ، ބަންދުކޮށްފައި ހުންނަ ތަންތަނުގައި ދެ ގަޑިއިރު ވަންދެން ދެމިހުންނަ ޖަރާސީމެކެވެ. އެހެންކަމުން، ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު، އަނގަ، ނޭފަތް ނުވަތަ ލޮލުގައި އަތްލެވިއްޖެނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ. ބަލި ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންނަށް މި ވައިރަސް ފޯރާނީ ބިހިތައް ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނަގާތާ ހަތަރު ދުވަސް ފަހުންނެވެ.
މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށާއި، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށެވެ. އެހެންކަމުން، ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތައް ގަވާއިދުން ފުރިހަމަކުރުމަކީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

