
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފަށަން ދެން މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދުގެ ރިޔާސީ ވައުދެކެވެ. އަދި އުރީދޫ ފެންޓިކް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައި ޕޭޕަލްއާ ގުޅިގެން އެ ހިދުމަތް ތައާރަފްކުރަން ނިންމާފައިވާކަން މިދިޔަ އޮކްޓޫބަރު މަހު ސަރުކާރުން އޮތީ އިއުލާންކޮށްފައެވެ.
ނަމަވެސް އަދިވެސް އެ ހިދުމަތް އޮތީ ނުފެށި އެވެ. އަދި މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިއަކު ވަނީ އެ ހިދުމަތް ނުފެށި ލަސްވަމުންދާތީ މިނިސްޓަރާ ސުވާލުކޮށްފައެެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ޕޭޕަލް ގެނައުމަށް އިންޓަގްރޭޝަން މަސައްކަތާއި ޓެސްޓިން ފޭސްގެ މަސައްކަތްތައް އުރީދޫން މިހާރު ކުރަމުންދާ ކަމަށާއި އެއަށް ފަހު ރަސްމީކޮށް އެ ހިދުމަތް ލޯންޗުކޮށް ދިވެޙީންނަށް ޕޭޕަލްގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ.
“އަޅުގަނޑުގެ ހިތެއް ނުބުނޭ މާ ގިނަ ދުވަސް ވެދާނެއެކޭ”މިނިސްޓަރު ވިދާޅުވިއެވެ.
ޤަވާއިދުން ހިދުމަތްތައް އަޕްޑޭޓް ކުރަމުންދާ ޕޭޕަލްއަކީ ގިނަ ބަޔަކު ބޭނުންކުރާ އަދި އިތުބާރު ކުރެވޭ އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެކެވެ.
ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބެން މިކަން ވެފައި ވަނީ ހުރަހަކަށެވެ.

