
މާލޭ ސިޓީ ކައުންސިލުން މިއަހަރުގެ ތެރޭގައި ބޭއްވި ދެ ޖަލްސާއަކަށް 1.15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަވެއްޖެއެވެ.
އަޙްމަދު އައިހަމް ނަމަކަށް ކިޔާ ފަރާތަކުން އާރުޓީއައި މެދުވެރިކޮށް ހޯދި މައުލޫމާތުތަކާ ހަވާލާދީ ސިޓީ ކައުންސިލުން ދީފައިވާ ޖަވާބުގައިވާ ގޮތުން، ކޮންމެ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ގާތްގަނޑަކަށް ދެތިން ގަޑިއިރަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމަށް 567،839 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާއިރު، ޖުލައި މަހު ބޭއްވި ބައްދަލުވުމަށް 585،137 ރުފިޔާ 34 ލާރި ވަނީ ހޭދަކޮށްފައެވެ.
މި ޚަރަދުތަކުގެ ތަފުސީލަށް ބަލާއިރު، ދެ ބައްދަލުވުމުގައި ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އިވެންޓް މެނޭޖްކުރުމަށެވެ. އެގޮތުން ކޮންމެ އިވެންޓެއް މެނޭޖްކުރުމަށް 360،000 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން ވީޑިއޯ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމަށް ފެބްރުއަރީ މަހު 135،000 ރުފިޔާ އަދި ޖުލައި މަހު 129،600 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ދެ ބައްދަލުވުން ޓީވީ މެދުވެރިކޮށް ވަގުތުން ދެއްކުމަށް ކޮންމެ ފަހަރަކު 34،607 ރުފިޔާ ވަނީ ކައުންސިލްގެ ބަޖެޓުން ދައްކާފައެވެ.
މީގެ އިތުރުން ވެސް، ބެނާ ޕްރިންޓްކުރުމާއި ދެމުމަށް، އަދި ފޮތް ޗާޕުކުރުމާއި ފޮޓޯ ވީޑިއޯ ނެގުމަށް އެތައް ހާސް ރުފިޔާއެއް ވަނީ ހޭދަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފެބްރުއަރީ މަހުގެ ބައްދަލުވުން ބޭއްވިއިރު ކައުންސިލްގެ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. ނަމަވެސް ޖުލައި މަހުގެ ބައްދަލުވުން ބާއްވާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮތް ކައުންސިލަކުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ލާޒިމުކުރާ ގޮތުން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން ކޮންމެ ކައުންސިލަކުން ވެސް އަހަރަކު މަދުވެގެން ދެ ފަހަރު އާންމު ރައްޔިތުންނާ ބައްދަލުކުރަން ޖެހޭނެއެވެ.

