
ހ. މާދޫގޭގައި ރައްކާކޮށްފައިހުރި ގިނަ އަދަދެއްގެ ބަނގުރަލާ އެކު ބޮޑު ނެޓްވޯކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކުމުގެ އަމަލުތައް ހުއްޓުވުމުގެ ބޭނުމުގައި، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ފެށި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ހާމަކުރެއްވި ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން މާލޭގެ އެކި ސަރަޙައްދުތަކަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ މައިގަނޑު ފަރާތްތައް ވަނީ ދެނެގަނެވިފައެވެ. އަދި ހ. މާދޫގެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާކަމަށާއި، މިހާރު ވެސް މި އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ވެރިރަށް މާލޭގައި މިފަދަ ޤަވާއިދާ ޚިލާފު އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.

