
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކުގެ 80 އިންސައްތަ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކޮށް، ބާކީ ހުރި ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި މިހާރު ހިންގަމުންދާ ބަނދަރުގެ މަސައްކަތް އެއްކޮށް ތިލަފުއްޓަށް ބަދަލުނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ބަނދަރުގެ މައިގަނޑު އޮޕަރޭޝަންތައް ތިލަފުއްޓަށް ގެންދިއުމަށް ފަހު، ތިލަމާލެ ބްރިޖު ގުޅޭ ސަރަޙައްދު ކަމަށްވާ އިންޑަސްޓްރިއަލް ވިލެޖާއި ޓީޖެޓީ ސަރަޙައްދުގައި ވެސް ޕޯޓުގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއާ އެކު، މިހާރު މާލޭގައި ބަނދަރު އޮންނަ ސަރަޙައްދުން ދެމުން އަންނަ އެންމެހާ ޚިދުމަތްތައް މުޅިން ހުއްޓައިލެވޭނެއެވެ.
މި ބޮޑު މަޝްރޫޢުގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނުނިމުނު ކަމުގައިވިޔަސް، އަންނަ އަހަރުގެ ނޮވެމްބަރު 11އަށް އައު ބަނދަރުގެ ޚިދުމަތް ފެށޭނެކަމަށެވެ. މިގޮތުން، ކޮންޓެއިނަރު އުފުލުމުގެ އިތުރުން ރޯރޯ ފެރީގެ ނިޒާމެއް މެދުވެރިކޮށް ޚިދުމަތް ދިނުމަށް ވަނީ ޕްލޭންކުރެވިފައެވެ. ހަމައެހެންމެ، އައު ބަދަލާ އެކު އަމިއްލަ ވިޔަފާރިވެރިންނަށް ތިލަފުއްޗާއި އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ކަށަވަރުވެ، ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ޒަމާނީ ޓެކްނޮލޮޖީއާ އެކު ބަނދަރުގެ އޮޕަރޭޝަންތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓް ކުރެވިގެންދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް އަންނާނެ ކަމެއްކަމަށް ރައީސް ސިފަކުރެއްވިއެވެ. މީގެ ސަބަބުން މަސައްކަތުގެ ހަލުވިކަން އިތުރުވެ، ވަގުތު ސަލާމަތްވުމުގެ އިތުރުން، މުދަލުގެ އަގުހެޔޮވެގެން ދިއުމަށް މަގުފަހިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތިލަފުށީގައި ތަރައްޤީކުރާ އައު ވިޔަފާރި ބަނދަރަކީ މިހާރު މާލޭގައި އޮންނަ ބަނދަރާ އަޅާބަލާއިރު ދިހަ ގުނަ ބޮޑު ސަރަޙައްދެކެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މަޢުލޫމާތު ދޭގޮތުގައި، އައު ބަނދަރުގެ މަގަތުފާލަން ވެސް މިހާރު ބޭނުންކުރާ ފާލަމަށްވުރެ ތިން ގުނަ ދިގުވާނެއެވެ. މި ބޮޑު މަޝްރޫޢުގެ މަގަތުފާލަން ހެދުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާއި އެމްޓީސީސީ ގުޅިގެންނެވެ.

