
މާލޭގައި ބިދޭސީން ހިންގަމުންދާ ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުމުގެ މަޤުޞަދުގައި މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަތް ތަނެއް ބަލައިފާސްކޮށް، ތިން މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކުލަވާލާފައިވާ ޓާސްކްފޯހުން ހިންގި މި ހަރަކާތުގައި، އެކި ތަންތަނުގައި މަސައްކަތްކުރަމުންދިޔަ ފަނަރަ ބިދޭސީއެއްގެ މަޢުލޫމާތު ވަނީ ސާފުކޮށްފައެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގައި އުޅުމުގެ ހުއްދަ ނެތި ސިއްރުން މަސައްކަތްކުރަމުންދިޔަ ތިން މީހެކެވެ.
މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، މާލޭގެ 07 ތަނެއް ބަލައި ފާސްކޮށް 15 ބިދޭސީއަކު ވަނީ ޗެކްކޮށްފައި. މީގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު… pic.twitter.com/uDjETP0IBy
— Maldives Immigration (@ImmigrationMV) May 5, 2026
މުޅި ރާއްޖޭގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން، މިހާތަނަށް ދެ ލައްކަ ދެހާހަށްވުރެ ގިނަ މީހުންގެ ރެކޯޑުތައް ވަނީ ނަގާފައެވެ. މީގެ އިތުރުން، އެހެން ފަރާތްތަކުގެ ނަމުގައި ކޯޓާ ހޯދައިގެން މަސައްކަތްކުރާ ފަރާތްތައް ޤަވާއިދަށް ފެތުމަށް ދިން އެންމެ ފަހުގެ މުހުލަތު މި ހިނގާ މަހުގެ ދެވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.
ދީފައިވާ މުއްދަތު ހަމަވުމަށްފަހު ޤަވާއިދަށް ފެތުމުގެ އިތުރު ފުރުސަތެއް ދިނުމަށް ސަރުކާރުން ނިންމާފައިނުވާއިރު، އަންނަ އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފެނިއްޖެނަމަ އެއްވެސް އިންޒާރަކާ ނުލައި ވަގުތުން ޑީޕޯޓުކުރާނެކަން ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

