
މާލެ ޓެކްސީ އެޕު ހެކެއް ނުކުރާ ކަމަށާއި މައުލޫމާތު ލީކުކުރީ މުވައްޒަފެއް ކަމަށް އެމްޓީސީސީއިން މިއަދު ބުނެފިއެވެ.
“މާލެ ޓެކްސީ އެޕް”ގައި ހިމެނޭ އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލި މައްސަލަ ފެންމަތިވީ މީގެ އެއްދުވަސް ކުރިންނެވެ.
އެ މައްސަލައާ ގުޅިގެން އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ, ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސ،ް ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައި ވަނީ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފަކުކަން އެ ކުންފުނިން ކުރި އެތެރޭގެ ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.
އެ މުވައްޒަފު އެކަން ކޮށްފައި ވަނީ އެއްވެސް ހުއްދައަކާއި ނުލާ އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ވެސް އެމްޓީސީން ބުންޏެވެ. އަދި އެ މުވައްޒަފު ވަޒީފާއިން މިހާރު ވަކިކޮށްފައިވާ ކަމަށެވެ.
ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާ އެކު ވަގުތުން އެކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް ސިސްޓަމް ޝަޓްޑައުންކޮށް ސެކިޔުރިޓީ ލޮކްޑައުންއަކަށް ގެނެސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. ކުންފުނީގެ ސާވާ އަދި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ގައި ރައްކާތެރިކަމާ އެކު ރީސްޓޯރކޮށް ރައްކާތެރި ކުރެވިފައިވާ ކަމަށާއި ކަސްޓަމަރުންނަށް މާލެ ޓެކްސީ ލައިންގެ ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރި ނުވާނެކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
މިއީ ބޭރުން މި އެޕްލިކޭޝަންގެ ފަޔަވޯލްއަށް ހަމަލާއެއް ދީގެން ހިނގާފައިވާ ހެކް ކުރުމުގެ އަމަލެއް ނޫންކަން ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް ވެސް އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

