
މަޖީދީ މަގުގައި ރޭގަނޑު މުޒާހަރާކުރަން ހުއްދަ ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުހެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ގާނޫނޫ އަސާސީން ލިބިދޭ ހައްގުތައް އެންމެ ފުޅާ މިނުގައި ދިނުމުގެ ވިސްނުން ސަރުކާރުގެ އެބައޮތް ކަމަށާއި ނަމަވެސް އެ ހައްގުތައް ދޭއިރު ވެސް އެހެނިހެން ކަންކަމަށް ވެސް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ.
އެގޮތުން މަޖީދީ މަގަކީ މާލޭގައި އެންމެ ކާރޫބާރުބޮޑު މަގުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މަގު ބްލޮކްކޮށް ސިޔާސީ ހަރަކާތެއް ހިންގަންދޭ އިރު ގަޑިއަށް ވެސް ރިއާޔަތްކުރާނެ ކަމަށެވެ.
އަދި އެމްޑީޕީން މިހާރު ބޮޑު އެއްވުން ބާއްވަން އެދުނު ގަޑިއަކީ ރޭގަނޑު ކާރޫބާރޫބޮޑު ގަޑިއަކަށް ވާތީ އެ ގަޑީގައި އެއްވުން ބާއްވަން ހުއްދަ ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެއްވުންތައް ބާއްވަން އެހެނިހެން ބޮޑެތި ޖާގަތައް ހުރިކަން ފާހަގަކުރައްވައި އެ ތަންތަން ބޭނުންކުރަން މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

