
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރައްވައި, ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތް ޢަބްދުﷲ ޞާދިޤު، އެ މަޤާމުގެ ހުވާކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ހުވާކުރެއްވުމަށް ފަހު، މެންބަރުކަމުގެ އިޤުރާރުގައި ޞާދިޤު ވަނީ މިއަދު ސޮއިކުރައްވާފައެވެ. މި މަހުގެ ހަވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން އޭނާ ކާމިޔާބުކުރެއްވީ 1،375 ވޯޓުގެ ސާފު އަޣުލަބިއްޔަތަކުންނެވެ.
މި ދާއިރާގެ ގޮނޑިއަށް އަލުން މެންބަރަކު އިންތިޚާބުކުރަން ޖެހުނީ، މި އަހަރުގެ އާންމު އިންތިޚާބުގައި އެ ގޮނޑި ކާމިޔާބުކުރެއްވި އަޙްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން އެ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ، ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޞާދިޤު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުން މަޖިލީހުގެ… pic.twitter.com/UwIOJyWtLL
— People's Majlis (@mvpeoplesmajlis) June 15, 2026
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި ޞާދިޤު ހޯއްދެވި މި ކާމިޔާބީއާ އެކު، މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެންބަރުންގެ ޖުމްލަ އަދަދު ވަނީ ތޭރައަށް އަރާފައެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނީ ބާރަ ގޮނޑިއެވެ.

