
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިއަދު ތަސްދީގުކޮށްދެއްވާފައިވާ ހަތް ބިލަކީ :
- މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު
- އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނު
- ފަޅު ރަށްރަށާއި ފަޅު ކުއްޔަށް ދިނުމުގެ ބިލް
- ބޭރު ފައިސާ އާ ބެހޭ ގާނޫނު
- ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު
- ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު
- އެއްގަމު ދަތުރުފަތުރު ކުރުމުގެ ބިލް
މި ބިލުތައް ރައީސް ތަސްދީގުކުރެއްވީ އެ ކަަމަށް ހާއްސަކޮށްގެން ރައީސް އޮފީހުގައި، ނޫސްވެރިންނާއެކު ބޭއްވި ރަސްމިއްޔާތުގައެވެ.
މީގެ ތެރޭގައި ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެންނަ ބިލުތަކެއް ހިމެނެއެވެ. އެންމެ ބޮޑަށް ފާހަަގަކޮށްލެވޭ ބިލަކީ ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލެވެ. އަދި ކުރިން ކޮންމެ ތިން މަހަކުން މާރުކުރަން ހިމެނޭ ބައި ވެސް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ވަނީ އިސްލާހުކޮށްފައެވެ. އެ ބިލުގައި ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލުކުރަން ވެގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ހިމަނާފައިވެއެވެ. އެއީ މިއަދުން ފެށިގެން އަމަލުކުރާނެ އިސްލާހެކެވެ.
އޭގެ އިތުރުން ޓޫރިޒަމްގެ ވިތްހޯލްޑިން ޓެކްސް އިތުރުކުރުމަށާއި، ބުކިން ޑޮޓް ކޮމާއި ޓްރިޕްސް ޑޮޓް ކޮމް ފަދަ ރާއްޖެއަށް ހިދުމަތް ފޯރުކޮށްދޭ ބޭރުގެ އޮންލައިން ޓްރެވެލް އެޖެންސީ (އޯޓީއޭ)ތަކުން ޓެކްސް ނަގަން ޖެހޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލަކީ ވެސް ފާހަގަކޮށްލެވޭ ބިލެކެވެ.
ފަޅުރަށްތަކުގެ ގާނޫނަކަށް އަމަލުކުރަމުން އައީ 1998ވަނަ އަހަރުން ފެށިގެން އޮތް ގާނޫނަކަށްވާއިރު ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭނެ އަގުތަކުގެ ނިސްބަތާއި އެ އިޖުރާއަތްތައް ހިންގާނެ އުސޫލުތަކުގެ ތަފްސީލްތައް ބަޔާންކުރާ މުޅިން އާ ގާނޫނީ އޮނިގަނޑެއް ވުޖޫދުވެގެން ދިއުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އެ ބިލަށް އަންނަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ބިލުގައިވެއެވެ.

