
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދަން 12ނުކުތާއަކަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ 12ނުކުތާއަށް އެއްބަސްވީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގެ ކެނެރީފް ރިޒޯޓް މޯލްޑިވްސްގައި ބޭއްވި “އިންޓަރ-އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް”ގައި ކަމަށެވެ.
އަދި އެ 12ނުކުތާ އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވެސް ވައުދުވެވަޑައިގެންފައެވެ.
ނަމަވެސް އެ 12ނުކުތާގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި، ފޯރަމްގެ މަޝްވަރާތަކަށްފަހު އެއްބަސްވެވުނު 12ނުކުތާއަކީ ދެކުނުގެ ހަތަރު އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ވެސް މަސްތުވާތަކެތީގެ މައްސަލައިގައި ކުރިއެރުންތަކެއް ހޯދައިދޭނެ މުހިންމު ނިންމުންތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗަކީ ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް އެކަނި އޮތް މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދައުލަތާއި މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ހައްލު ހޯދަންޖެހިފައިވާ ބޮޑު ގައުމީ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
ފޯރަމްތަކުން ނިމޭ ނިންމުންތައް އަމަލީ މައިދާނަށް ގެނައުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ކަރުދާހުގައި ނޯޓުކުރެވޭ މުހިންމު އިލްމީ ވާހަކަތައް ހަމައެކަނި މަޝްވަރާއެއްގެ ގޮތުގައި ނުބަހައްޓައި، އޭގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން މަސައްކަތް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި މި ފޯރަމްގައި ކަނޑައެޅުނު ލަނޑުދަނޑިތަކަށް ވާސިލުވުމަށް ފުލުހުންގެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.

