
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދޭލިޔާގެ / ވ. ކެޔޮދޫ، އަޙްމަދު ފާޒިލް (31އ)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 20ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
މި އޮޕަރޭޝަނުގައި ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ބަލައިފާސްކުރުމުގެ ތެރޭގައި 265.01 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންގޮސްފައިވާ ކަމަށާއި ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

