
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަނގުލަދޭޝްގެ ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ އެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނަކަށް ފަހު ކަމަށެވެ.
އެގޮތުން މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ފެނުނު މަސްތުވާތަކެތީގެ ތަފްސީލެއް ނުދެއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ތޯހިދުލް އިސްލާމް (35އ)އާއި، މޮނީރް ބެޕާރީ (37)އާއި، ޖަކިރް މުންޝި (46އ)އާއި، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)އާއި، އެމް.ޑީ އުސްމާން (23އ)އާއި، މޮހައްމަދު ބަބްލޫ އަލީ (34އ)އާއި، އެމް.ޑީ ރައިހާން (32އ)އާއި، އަފްރަނުލް ހޮގް އާޝިކު (34އ)އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ)އެވެ.
އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ޑީޕޯޓްކޮށްދިނުމަށް އެދި އެންމެން ވެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

