
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 18އަހަރުގެ އަންހެނަކާއި ފިރިހެނަކު ހައްުޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ އިއްޔެއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީހު (31އ)އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ހަމީދު (18އ)އެވެ.
އެގޮތުން އެ ދެ މީހުން ހައްޔަރުކޮށް، މާލެ، މައްޗަންގޮޅި ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 20.19ގުރާމުގެ ތަކެތި ފެނުނުކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާކުރާކަމުގެ ތުހުމަތެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ނަޖީހު 15ދުވަހަށް އަދި އާމިނަތު ޝަހާމާ ހަމީދު ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

