
މުޖުތަމަޢުގެ އަމާންކަން ކަށަވަރުކުރުމުގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ ހަރަކާތްތައް ކުރިއަށް އޮތް އަހަރު އިތުރަށް ވަރުގަދަކުރައްވާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިއަންނަ އަހަރަކީ ފުލުހުންގެ މަސައްކަތްތަކުން އާދަޔާޚިލާފު ކުރިއެރުންތަކެއް ފެނިގެންދާނެ އަހަރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން މާރާމާރީ ހިންގާ ގޭންގުތަކުގެ ތެރޭގައި އުޅޭ ޒުވާނުން އެ ނުރައްކާތެރި ވެށިން ސަލާމަތްކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. މިގޮތުން، އެފަދަ ކުދިން އަނބުރާ މުޖުތަމަޢަށް ނެރެ، ގަދަރުވެރި ބައެއްގެ ގޮތުގައި ދިރިއުޅުމުގެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، ފިލައިގެން އުޅޭކަމަށް ރެކޯޑުކުރެވިފައިވާ ގާތްގަނޑަކަށް ދެހާހެއްހާ ބިދޭސީންނާއި ހުއްދަނެތި ވިޔަފާރިކުރާ ފަރާތްތައް ހޯދައި ޑީޕޯޓުކުރުމުގެ ބޮޑު ހަރަކާތެއް ފެށުމަށް ހަމަޖެހިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަގުމަތީގެ ސަލާމަތްތެރިކަން ބެލެހެއްޓުން ހަރުދަނާކޮށް، އާންމުންނަށް ފެންނަ ހިސާބުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާއަށް އާންމު ރައްޔިތުން ކުރާ އިތުބާރަކީ އެ އިދާރާގެ އެންމެ އަގުހުރި ރައުސުލްމާލުކަން ފާހަގަކުރައްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އެ އިތުބާރު ދެމިއޮންނާނީ ފުލުހުންގެ ކިބައިގައި ހުންނަ ތެދުވެރިކަމާއި، ހަމަހަމަކަމާ އެކު ޒިންމާދާރުކަމާ އެކު ޚިދުމަތްދިނުމުގެ މައްޗަށް ކަމަށެވެ. އާންމުންނާ ކުރެވޭ ކޮންމެ ރަނގަޅު މުއާމަލާތަކާއި، އިންސާފުވެރިކަމާ އެކު ނިންމާ ކޮންމެ ނިންމުމަކީ ފުލުހުންނާމެދު އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

