
ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް “ބަހުރު” ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހަކު ހޮނޑާފުށީ ގޮނޑުދޮށުން ފެނިއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 04:05 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށާފައިވާ ކަމަށެވެ.
ގެއްލުނު މީހާ ފެނިފައި ވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށެވެ.
އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާ ދިނުމަށް ފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ.
މި މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ދިފައީ ބާރުން ޝުކުރުއަދާކުރިއެވެ.

