
މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ، އެ ސިނާއަތް އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި، މި ސަރުކާރުގެ ވެރިކަމުގައި މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 99 ކަނދުފަތި ގާއިމުކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، އަލަށް އެޅި ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަ 47 ދޮށީގެ ކަނދުފައްޗާއި، ފަރުމަސްވެރިކަމާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް އަމާޒުކޮށްގެން އެޅި 52 ވަދު ކަނދުފައްޗެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކުރު މުއްދަތެއްގެ ތެރޭގައި އެއްވެސް ސަރުކާރަކުން މިހާ ގިނަ އަދަދަކަށް ކަނދުފަތި ގާއިމުކުރި ފުރަތަމަ ފަހަރުކަމަށް ވުމާ އެކު، މިއީ ތާރީހީ އާ ރެކޯޑެއްކަން ވުޒާރާއިން ފާހަގަކުރެއެވެ.
ކަނދުފަތިތައް ކަނޑައިގެން ދިއުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް އަވަސް ހައްލެއް ގެނެސްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި، އޮއިގަދަވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލިފައިވާ މަސްކަނދުތައް އަލުން އިއާދަކުރުމުގެ މަސައްކަތަށް މިހާރު ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އަދި ހަލާކުވެފައިވާ ގިނަ ކަނދުފަތިތައް މި ހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަލުން އަޅައި ނިންމުމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކަނދުފަތިތައް އަވަހަށް ކަނޑައިގެންދާ މައްސަލައަށް ދާއިމީ ފަރުވާއެއް ހޯދުމުގެ ގޮތުން، ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ)ގެ އެހީތެރިކަމާ އެކު ކަނދުފަތީގެ އޮނިގަނޑަށް މިހާރު ވަނީ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ސާޅީހަކަށް އަހަރު ބޭނުންކުރި ބާ މޮޑެލްގެ ބަދަލުގައި އާ ފަރުމާއެއް ތައާރަފުކުރުމުން މި މައްސަލައަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމުކުރާ ވަދު ކަނދުފަތީގެ ބޮޑު ވިއުގަ، ކުރިއަށް އޮތް އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން ވެސް ވަޒީރު ޝިޔާމް ވަނީ ދެއްވާފައެވެ.

