
މަސްވެރިކަންކުރާ އުޅަނދުފަހަރަށް ދެމުން އަންނަ ތެލުގެ އިނާޔަތަށް އެދުމާއި އެ އިނާޔަތް ފޯރުކޮށްދިނުމުގެ ހުރިހާ މުއާމަލާތެއް ‘ފަހިހަކަތަ’ ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ ގޮތަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.
މި ބަދަލާ ގުޅިގެން، ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން މިހާތަނަށް އެ ޕޯޓަލްގައި ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން 15 ސެޕްޓެމްބަރު 2026ގެ ކުރިން ރަޖިސްޓަރީވުމަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ. މީގެ ކުރިން، މަސްވެރިކަމުގެ ލައިސަންސް އޮންނަ ދޯނިފަހަރަށް މި ސަބްސިޑީ ދޫކުރަމުން އައީ ‘ފަހިހަކަތަ’ ޕްރޮގްރާމާ ގުޅުމަކާ ނުލައި، އަދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަކާ ވެސް ނުލައެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަންތައް މެދުވެރިކޮށް، ހެޔޮ އަގެއްގައި މަސްދޯނިފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައި ވަނީ ފާއިތުވި އޭޕްރީލް މަހުގެ 22ވަނަ ދުވަހުއެވެ.
ދިވެހި މަސްވެރިންނަށް ސަރުކާރުން ތެލުގެ ސަބްސިޑީއެއް ތައާރަފުކުރީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެންނެވެ. އޭގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވި މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ ތެލުގެ އިނާޔަތް ދިނުމުގެ އިތުރުން މަސް ގަންނަ އަގު ވެސް ބޮޑުކޮށްދީފައެވެ.

