
ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ “މަގޭ ސުވާލަކީ” ޕްރޮގްރާމްގެ 100 ވަނަ އެޕިސޯޑް، ކުރިއަށް އޮތް ހުކުރު ދުވަހުގެ ރޭ ޅ. ހިންނަވަރުގައި ވަރަށް ހާއްސަ ހަރަކާތްތަކަކާއެކު ބޭއްވުމަށް ނިންމައިފި އެވެ.
މި ޕްރޮގްރާމް އިންތިޒާމުކުރާ ޓީމުން ބުނި ގޮތުގައި، 100 ވަނަ ޕްރޮގްރާމަކީ ހިންނަވަރު ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ތަފާތު ހަރަކާތެކެވެ. އެއް ގަޑިއިރާއި 15 މިނެޓަށް ދެމިގެންދާ މި ޕްރޮގްރާމްގައި އާންމުން ހުށަހަޅާ ދީނީ ސުވާލުތަކަށް ޝެއިހް ޖަވާބު ދެއްވުން އޮންނާނެ އެވެ.
މިއީ ޝެއިހް މުހައްމަދު އިބްރާހިމްގެ ލޮލުގެ ފެނުން ގެއްލުނު ފަހުން، މިފަދަ ދީނީ ހަރަކާތެއް ބޭއްވުމަށް ރަށުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މީގެ ކުރިން ޝެއިހް ވަނީ ހިންނަވަރާއި އެ ސަރަހައްދުގެ އެހެން ރަށްރަށަށް ޒިޔާރަތްކުރައްވައި ގިނަ ދަރުސްތަކެއް ދެއްވާފަ އެވެ.
މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ފެށި “މަގޭ ސުވާލަކީ” އަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރޮގްރާމެކެވެ. ރޭ މި ޕްރޮގްރާމްގެ 99 ވަނަ އެޕިސޯޑް ގެނެސްދީފައިވާއިރު، މިހާތަނަށް 1،800 އަށްވުރެ ގިނަ ސުވާލަށް ޝެއިހް ވަނީ ތަފްސީލީ ގޮތެއްގައި ޖަވާބު ދެއްވާފަ އެވެ.
އާންމުކޮށް ޔޫޓިއުބުން ވަގުތުން ދުރަށް ދައްކާ މި ޕްރޮގްރާމް، 100 ވަނަ އެޕިސޯޑާ ދިމާކޮށް ޓީވީ ޗެނަލްތަކާއި އެހެނިހެން މީޑިއާ ޕްލެޓްފޯމްތަކުން ލައިވްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ރޭގެ ޕްރޮގްރާމަށް ހާޒިރުވާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

