
ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެހާ ފަރާތްތަކަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މަޤުޞަދުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި “ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު” 47 މެންބަރުންގެ ތާއީދާ އެކު މިއަދު ފާސްކޮށްފިއެވެ.
ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ހުށަހެޅުއްވި މި ބިލު ފާސްކުރީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ގެނައި މުހިންމު އިސްލާޙުތަކަކާ އެކުގައެވެ. މީގެ ތެރޭގައި، ޚާއްޞަ ބާވަތްތަކުގެ އުޅަނދުތައް ފިޔަވައި، އާންމުކޮށް ބޭނުންކުރާ އެއްގަމު އުޅަނދުފަހަރު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތަކީ އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ވެރިރަށް މާލެ ސަރަޙައްދުގެ ޓްރެފިކް މައްސަލަތަކަށް ޙައްލު ހޯދައި، ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށްޓަކައި “ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް”ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
އައު ބިލުގެ ދަށުން ލައިސަންސް ދޫކުރުމާއި ހިފެހެއްޓުމުގެ އުސޫލުތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް ޕޮއިންޓް އުނިކުރެވޭ (ޑީމެރިޓް) ނިޒާމެއް ތަޢާރަފުކުރަން ނިންމާފައިވާއިރު، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު 5،000 ރުފިޔާއަށް އަރައިފިނަމަ ލައިސަންސް ހިފެހެއްޓުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. ހަމައެއާ އެކު، ބައިނަލްއަޤުވާމީ މުއާހަދާތަކުގައި ބައިވެރިވާ ޤައުމުތަކުގެ ސައްޙަ ލައިސަންސް އޮންނަ ފަރާތްތަކަށް އިތުރު ލައިސަންސަކާ ނުލައި ރާއްޖޭގައި އުޅަނދު ދުއްވޭނެ މަގުފަހިކޮށްދިނުމާއި، ދިވެހިންނަށް ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭނެ އިންޓަރނޭޝަނަލް ޑްރައިވިންގ ޕާމިޓް ދޫކުރުން ވެސް ބިލުގައި ހިމެނެއެވެ.
މި ބިލުގެ މައިގަނޑު އަމާޒަކީ ޒަމާނާ ގުޅޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ނިޒާމު ބައްޓަންކުރުމެވެ. މިކަން ޙާސިލުކުރުމަށްޓަކައި ދަތުރުފަތުރުގެ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމަށާއި، ކަމާބެހޭ ވުޒާރާއަށް ފަންނީ ލަފާދިނުމަށް “ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީ”އެއް އުފެއްދުމަށް ލާޒިމުކޮށްފައިވެއެވެ. އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕާކުކުރުމާއި، އަދި އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މިންގަނޑުތައް ވެސް މި ބިލުގެ ޒަރީއާއިން ވަނީ ތަފްސީލުކޮށްދީފައެވެ.

