
މާލެ ސަރަޙައްދުގައި ހުކުރުކުރާ ޒުވާން ޚަޠީބުންނަށް އިސްލާމީ އެކި ރޮނގުތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، ޚާއްޞަ ސްކޮލަޝިޕް ސްކީމެއް ތަޢާރަފުކުރުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޝްވަރާކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މާލޭގައި ޚުޠުބާ ވިދާޅުވާ ބައެއް ޒުވާން ޚަޠީބުންނާ އެކު ދާދި ފަހުން ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ، ޢަރަބި އިސްލާމީ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމާއި، އެކިއެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަމާޒުކޮށްގެން ސްކޮލަޝިޕް ޕްރޮގްރާމެއް ފެށުމާމެދު ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ހަމައެކަނި ޚުޠުބާ ކިޔުމުގެ ބަދަލުގައި، ދާއިމީ ގޮތެއްގައި މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ އިންތިޒާމުތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޚަޠީބުންނާ ގާތުން މަސައްކަތްކުރެއްވުމަށްޓަކައި ކުރިމަގުގައި މިފަދަ އިތުރު ބައްދަލުވުންތައް އިންތިޒާމުކުރައްވާނެކަމުގެ ޔަޤީންކަން ޑރ. ޝަހީމް ދެއްވިއެވެ.
އިސްލާމީ ވުޒާރާގެ އަމާޒަކީ އެއްހާސް ޒުވާން ޚަޠީބުން އުފެއްދުން ކަމަށްވާއިރު، މިހާތަނަށް ހަތަރު ބުރެއްގެ މަތިން 600 އަށްވުރެ ގިނަ ދަރިވަރުން ވަނީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

