
ސައުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ފަޚުރުވެރި ހަތަރުވަނަ ހޯދައި، ރާއްޖެއަށް ބޮޑު ޝަރަފެއް ހޯދައިދީފިއެވެ.
މި މުބާރާތުގައި ޝާޔާ ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރައްވައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިއީ މުޅި ދިވެހި އުއްމަތަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއްކަން ހާމަކުރައްވާފައެވެ. މި މުބާރާތުން ޝާޔާ އަށް ލިބުނު ފަޚުރުވެރި މަޤާމާ އެކު އިނާމެއްގެ ގޮތުގައި އެއްލައްކަ ހަތްދިހަ ހާސް ސައުދީ ރިޔާލް (170،000 ރިޔާލް) ލިބިފައިވެއެވެ.
މިއަހަރު ބޭއްވުނީ ފާއިތުވި ސާޅީސް ހަ އަހަރު ދުވަހުގެ ތެރޭގައި ސައުދީ ސަރުކާރުން މެދުނުކެނޑި ބާއްވަމުން އަންނަ މި މުބާރާތުގެ 46ވަނަ ފިޔަވައްސެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 133 ޤައުމަކުން ބައިވެރިން ވާދަކުރި މިފަހަރުގެ މުބާރާތަކީ، އަންހެން ދަރިވަރުންނަށް ޚާއްޞަ ގޮތްޕެއް ހިމަނައިގެން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށްޓަކައި މާތްވެގެންވާ މަސްޖިދުލްޙަރާމްގައި ރޭ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒް ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި ސައުދީގެ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސްގެ އިތުރުން ޚާއްޞަ މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ވަޒީރު ޑރ. ޝަހީމް ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރަސްމިއްޔާތުގެ ތެރެއިން ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާ އާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވައި ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

