
މައިންބަފައިންނަށް ކިޔަމަންތެރިވެ އެބައިމީހުންގެ ރުހުން ހޯދުމަކީ ދުނިޔެމަތީގައި ދިމާވާ އެތައް ތަކުލީފަކާއި މުޞީބާތަކުން މިންޖުވެ، ޢުމުރުގައި ބަރަކާތް ލައްވާނެކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި އިރުޝާދުދީފިއެވެ.
“މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި ނަމުގައި ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދެއްވި ޚުޠުބާގައި ވަނީ، މިހާރަކަށް އައިސް މުސްކުޅި މައިންބަފައިންނަށް އަޅައިނުލުމާއި އެމީހުންނަށް އުރެދުމުގެ އާދަ މުޖުތަމަޢުގައި ފެތުރެމުންދާކަން ފާހަގަކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަށް ﷲ ތަޢާލާ ޤުރުއާނުގައި ތަކުރާރުކޮށް އަމުރުކުރައްވާފައިވާކަން ހަނދާންކޮށްދެމުން، އެއީ އިންސާނާގެ އުމުރުގައި ބަރަކާތްލައްވައި އަދި ސުވަރުގެއަށް ވަނުމަށް އޮތް އެންމެ ފަހި އެއް މަގުކަމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މިސްކިތްތަކުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ވެސް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ނަމާދުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު މިސްކިތްދޮށަށް އެއްވެތިބެ، މީހުންގެ އަބުރާ ބެހުމާއި، ޣީބަބުނުމާއި، ދޮގުވާހަކަ ފެތުރުމާއި ޒުވާބުކުރުން ފަދަ ނުބައި ޢަމަލުތައް ކުރުމަކީ ނަމާދުން ލިބުނު ރޫޙާނީ ފައިދާތައް އަމިއްލައަށް ނަގައިލުންކަމުގައި ސިފަކޮށްފައިވެއެވެ. އޭގެ ބަދަލުގައި ނަމާދުން ފައިބައިގެން މުސްލިމު އަޚުންނާ ސަލާމްގަލާންކުރުމަށް ފަހު ހިމޭންކަމާ އެކު ގެއަށްދިޔުމުގެ މަތިވެރިކަން ވަނީ ފާހަގަކޮށްފައެވެ.
އިޤުތިޞާދީ ގޮތުން މުޖުތަމަޢު ބިނާކުރުމުގެ މައްޗަށް ވާހަކަދައްކަމުން ޚުޠުބާގައި ބުނީ، ވިޔަފާރީގެ މުޢާމަލާތްތަކުގައި ތެދުވެރިވުމަކީ ވެސް އަޅުކަމެއް ކަމަށެވެ. މަކަރާއި ޙީލަތް ހަދައިގެން މީސްތަކުންގެ މުދާ ކެއުމާއި، ޒަކާތް ނުދައްކައި މުދާ އެއްކުރުމަކީ މުދަލުގެ ބަރަކާތް ކެނޑި، ﷲގެ ލަޢުނަތް ހުށަހެޅޭނެ ކަމެއްކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން އަނބިދަރިންނަށް ޚަރަދުކުރާ މީހުންނަށް އިންޒާރުދެމުން، އެފަދަ ތަކެތި ކައިގެން ބޮޑުވާ ހަށިގަނޑުތަކަށް އޮތީ ނަރަކަކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުން ސާބިތުވާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
މުޖުތަމަޢުތައް އިޖުތިމާޢީގޮތުންނާއި އަޚުލާޤީގޮތުން ހަލާކުވެ ފަނާވެދަނީ ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިނުވެ، ބޮޑާވެގަނެ ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް ފެތުރުމުންކަން ފާހަގަކޮށް، އެންމެހައި ފަރާތްތަކުން ވެސް ވިސްނުންތެރިކަމާ އެކު ޢަމަލުތައް ސީދާކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

