
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙުމަދުގެ ހަނދާނަށް ޚާއްސަކޮށްގެން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ‘ޚިދުމަތް ޖަމިއްޔާ’ އާ ހަވާލުކޮށް، ދިވެހި ސަރުކާރުން އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އައު މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ބިނާގެ މަސައްކަތް ހަވާލުކޮށްފައިވާ ޚިދުމަތް ޖަމިއްޔާއަކީ، ޝައިޚް ފަރީދު އަވަހާރަވިއިރު އެ ޖަމާއަތުގެ މުސްތަޝާރުކަމާއި ޝަރީޢާ ބޯޑުގެ ރައީސްކަމުގެ މުހިންމު މަގާމުތަކެއް ފުރުއްވަމުން ގެންދެވި މުއައްސަސާއެވެ.
ހުޅުމާލެ ފޭސް 2 ގައި އައު މިސްކިތެއް ބިނާކުރުމަށްޓަކައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ޚިދުމަތް ޖަމިއްޔާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން. މިއީ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ބިނާ ކުރެވޭ މިސްކިތެއް. pic.twitter.com/hHfAKlw2Xx
— Ministry of Islamic Affairs & Endowments (@MVIaffairs) September 21, 2026
ދިވެހި މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އާލާކޮށް، އިސްލާމީ ދައުވަތު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވި ޝައިޚް ފަރީދު އަވަހާރަވީ، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އޭނާ ދެއްވި ސިލްސިލާ ދަރުސްތަކަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އަދި ގިނަ ބަޔަކަށް އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް ގެނެސްދިން އަގުހުރި މަސައްކަތްތަކެކެވެ.
ހުޅުމާލޭގައި އަލަށް ބިނާކުރާ މިސްކިތުގެ ކުރިން، ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ވެސް ވަނީ 455 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭވަރުގެ މިސްކިތެއް އިމާރާތްކޮށްފައެވެ. އެތަން ބިނާކުރުމަށް ބޭނުންވި 760،000 ރުފިޔާ، ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު 24 ގަޑިއިރު ވެސް ނުވަނީސް ވަނީ ހޯދާފައެވެ. ޖޫން 28ވަނަ ދުވަހު ބިންގާ އެޅުނު އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ފަހު ރަސްމީކޮށް ހުޅުވާފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 20ވަނަ ދުވަހުއެވެ.

