
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަލަށް ތައާރަފުކުރަން ނިންމާފައިވާ ދެ ޤަވާއިދަކާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ޚިޔާލާއި ފާޑުކިޔުންތައް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލާފައި ވަނީ މާލީ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ “ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން”އާއި ކަސްޓަމަރުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާ ގުޅޭ “ސިމްޕްލިފައިޑް އެންޑް އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑިލިޖަންސް ރެގިއުލޭޝަން”އެވެ. މީގެ ތެރެއިން ދެވަނައަށް ފާހަގަކުރި ގަވާއިދަކީ، މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ހިދުމަތް ހޯދާ މީހުންގެ ވަނަވަރު ދެނެގަނެ، އެކަން ޔަގީންކުރުމުގެ މިންގަނޑުތައް ބަޔާންކުރާ ހާއްސަ އުސޫލެކެވެ.
މި ދެ އުސޫލަށް ބަދަލު ގެނައުމަށް ނުވަތަ އިތުރު ފުރިހަމަކަމެއް ގެނައުމަށް ބޭނުންވާ ފަރާތްތަކުން، 2026ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން އެމްއެމްއޭގެ ރަސްމީ އީމެއިލް އެޑްރެހަށް ލިޔުމުން އެކަން ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އާންމުންގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ މާލީ އިދާރާތަކާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ ލަފަޔާއި އިރުޝާދު ވެސް މިކަމުގައި ހޯދުމަށް މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ.

