
މާލޭގެ މަގުމަތިން ބިދޭސީއެއްގެ ޖީބުން ވޮލެޓެއް ޖަހައިގަތްކަމުގެ ކުށް ސާބިތުވި ދިވެހި ފިރިހެނަކު، ދެ މަހާއި ފަނަރަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައި ވަނީ ކ. ހިންމަފުށި، ފިނިރޯޅި، އަޙްމަދު ޔާމީނުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާ ސާބިތުވެފައި ވަނީ، 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27ވަނަ ދުވަހުގެ ރޭ މާލޭގެ ނިރޮޅުމަގުގައި ހުންނަ ޝެރީ ސެލޫން ސަރަޙައްދުން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އޮމަރު ފާރޫޤުގެ ޖިންސުގެ ފަހަތު ޖީބުގައި އޮތް ވޮލެޓެއް ވަގަށް ނަގާފައިވާކަން ޝަރީޢަތަށް ކަށަވަރުވުމާ ގުޅިގެންނެވެ.
މައްސަލަ ބެއްލެވި ޤާޟީ އިބްރާހީމް އިޙްސާން އިއްވެވި ހުކުމުގައި ބަޔާންކުރައްވާފައި ވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ބަޔާންތަކުން، އެއްވެސް ޝައްކެއްނެތް މިންވަރަށް ޔާމީން އެ އަމަލު ހިންގިކަން ސާބިތުވާކަމަށެވެ. ގާނޫނީ ގޮތުން މިފަދަ ކުށަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަސް ކަމުގައިވީނަމަވެސް، ޔާމީނުގެ ކުށުގެ ރެކޯޑުތަކަށް ރިޢާޔަތްކޮށް ކޯޓުން ވަނީ އޭނާގެ އަދަބު އެއް ދަރަޖަ މަތިކޮށް، ތިން މަސްދުވަހަށް ބޮޑުކޮށްފައެވެ. އެހެންނަމަވެސް، ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި ފަނަރަ ދުވަސް އުނިކުރުމަށް ފަހު، ތަންފީޒުކުރަންޖެހޭ ސާފު އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މަހާއި ފަނަރަ ދުވަހެވެ.

