
ތިލަފުށީގައި ކުރިއަށް ގެންދާ ވޭސްޓް އެނާޖީ މަޝްރޫއުގެ ދަށުން ދުވާލަކު 500ޓަނުގެ ކުނި އަންދާ ކުނިން ކަރަންޓު އުފެއްދުމުގެ މަޝްރޫއު ނިމުމާ ގާތަށް ހިނގައްޖެއެވެ.
އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރެފައިވާ މި މަޝްރޫއުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިހާރު ކުރިއަށްދާ އަމަލީ މަސައްކަތްތަކުގެ ދުވެއްޔަށް ބަލާއިރު، މި މަޝްރޫޢުގެ މައިގަނޑު އިންފްރާސްޓްރަކްޗަރާއި ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތްތައް އެއްކޮށް ނިންމައި މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ޓެސްޓުކުރަން ފެށޭނެ ކަމަށް ލަފާކުރެވެއެވެ. ރިޕޯޓުގައިވާ ގޮތުން މުޅި މަޝްރޫއަށް ކުރި ހަރަދު ވަނީ 99މިލިއަނަށްވުރެ ގިނަ ޑޮލަރަށްވުރެ އިތުރުވެފައެވެ.
މި މަޝްރޫއުގެ ދަށުން ދުވާލަކު 500ޓަނުގެ ކުނި އެންދުމުގެ ތެރެއިން 8މެގަވޮޓްގެ ކަރަންޓު އުފައްދާނެއެވެ. މީގެ ތެރެއިން ޕްލާންޓް ހިންގުމަށް ބޭނުންވާ ބައި އުނިކުރުމަށްފަހު ބާކީވާ 5މެގަވޮޓްގެ ކަރަންޓު ސަރަޙައްދީ ކަރަންޓު ގްރިޑާ ގުޅާލައި ބޭނުންކުރާނެއެވެ.
ގޭބިސީއެއްގައި އެވްރެޖްކޮށް 1ނުވަތަ 2އެއާކޮންޑިޝަނާއި ފްރިޖް އަދި ދޮންނަމެޝިން ހުންނާނެ ކަމަށް ބަލާނަމަ ފަސް މެގަވޮޓްގެ ކަރަންޓުން ގާތްގަނޑަކަށް 4,000އާއި 5,000އާ ދެމެދުގެ ގޭބިސީ އަކަށް ދާއިމީކޮށް ކަރަންޓު ދެވޭނެއެވެ.
މަޝްރޫއުގެ މަސައްކަތްތައް
އިންފްރާސްޓްރަކްޗާ ބިނާކުރުން – ކުނިން ހަކަތަ އުފައްދާ ޕްލާންޓް އެޅުމަށް ބޭނުންވާ ބިން ތައްޔާރުކުރުމާއި، ބިންގަލުގެ މަސައްކަތްތަކާއި، އިދާރީ އިމާރާތްތަކުގެ ބޮޑުބައި ވަނީ ނިންމާފައެވެ.
އިކުއިޕްމަންޓާއި މެޝިނަރީ ހޯދުން. ކުނި އެންދުމަށް ބޭނުންވާ އިންސިނެރޭޓަރާއި، ދުމާއި ވިހަ ގޭސް ސާފުކުރާ ނިޒާމުތަކުގެ އިތުރުން ހަކަތަ (ކަރަންޓު)އުފައްދާ ޓާބައިންތައް ފަދަ ބަރު މެޝިނަރީތައް ޑިޒައިންކޮށް، އުފައްދައި، ސައިޓަށް ގެނައުމުގެ މަސައްކަތްތައް ހިމެނެއެވެ.
ފަންނީ އަދި ކޮންސަލްޓެންސީ މަސައްކަތް – ބައިނަލްއަޤުވާމީ ކުންފުނިތަކެއް ކަމަށްވާ ޖަރުމަނުގެ ފިޗާ އަދި ވިސްޓާ އެންވަރުމަންޓް ފަދަ ފަރާތްތައް މެދުވެރިކޮށް، މަޝްރޫޢުގެ ސުޕަވިޒަން، ތިމާވެށީގެ އެސެސްމަންޓްތައް ހެދުން އަދި ކޮލިޓީ ކޮންޓްރޯލް ބެލެހެއްޓުން
ކުރިއަށް ހުރި މަރުޙަލާތައް – މިހާރު ކުރިއަށްދަނީ ގެނެވިފައިވާ ބޮޑެތި މެޝިނަރީތައް ރޭވުމާއި ކަރަންޓު ގްރިޑާ ގުޅާލުމުގެ މަސައްކަތްތަކާއި، ޕްލާންޓް ހިންގާލައި ޓެސްޓުކުރުމުގެ މަރުޙަލާއަށް ތައްޔާރުވުމެވެ.
“ގްރޭޓާ މާލެ ވޭސްޓް ޓު އެނަޖީ”މަޝްރޫއަކީ ރާއްޖޭގެ ތިމާވެއްޗާއި އިޤްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ތިލަފުށީގެ ދުމުގެ މައްސަލައަށް ދާއިމީ ހަލެއް ލިބޭނެއެވެ. އެގޮތުން ގިނަ އަހަރުތަކެއް ވަންދެން ތިލަފުށީގައި ކުނި އަންދަމުންދިޔަ ހުޅުޖެހި ބާބެކިއު ނިޒާމު ނައްތާލައި، ތިމާވެއްޗާ ރައްޓެހި ޒަމާނީ “އިންސިނެރޭޝަން”ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމުން، މާލެ ސަރަޙައްދުގެ ވައިގެ ސާފުކަން އިތުރުވެގެންދާނެއެވެ. ކުނިން ކަރަންޓު އުފެއްދުމުގެ ސަބަބުން، އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށް ދައުލަތުން ކުރާ ހޭދަ އެތައް މިލިއަން ޑޮލަރަކުން ސަލާމަތް ކުރެވޭނެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ދުމާއި ވިހަ ގޭސް ސާފުކުރާ ނިޒާމުތަކުގެ ސަބަބުން، ޖައްވަށް ދޫވާ ވިހަ މާއްދާތައް ބައިނަލްއަޤުވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭނެއެވެ. އަދި ކުނި އަންދައިގެން ބާކީވާ އަޅި ރިސައިކަލްކޮށް، ގައު ހެދުމަށާއި މަގު ހެދުމަށް ބޭނުންކުރެވޭނެއެވެ.

