
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް މޫސާ ފަތުހީ އާދަމް އައްޔަންކޮށްފިއެވެ.
ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް އައްޔަނު ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް އިޚްލާޞްތެރި ތަހުނިޔާއައި މަރުޙަބާއެއް ދަންނަވަން.#DhiveheengeRaajje#CongressPartyMV pic.twitter.com/55TdhEr6Hb
— PNC Secretariat (@pnc_secretariat) April 20, 2026
މިދިޔަ ހޮނިހިރު ދުވަހު މަޤާމުން ދުރަށްވަޑައިގަތުމަށް ފަހު، މީސްމީޑިއާ ‘އެކްސް’ ގައި މުއާޒް އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ ނިންމެވުން ނިންމެވީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރެއްވުމަށް ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މުހިންމު މަސައްކަތްޕުޅުތަކަށް ޖާގަދީ، ރައްޔިތުން އެދޭފަދަ ނަތީޖާ ނެރެދޭ ސިޔާސީ ހަރަކާތަކަށް އެ ޕާޓީ ބަދަލުކުރުމަށް އެހީތެރިވުމުގެ ނިޔަތުގައި ކަމަށެވެ.
އޭގެ އިތުރުން، ޕާޓީގެ އެންމެ އިސް އިދާރީ ހިންގުންތެރިޔާގެ ހައިސިއްޔަތުން އެސްޖީގެ މަޤާމަކީ އޭނާއަށް ވުރެ ފުޅާ ދާއިރާއެއްގައި ވަގުތު ހުސްކުރެވޭނެ ބޭފުޅަކު ހުންނެވުން މާ އައުލާކަން ބޮޑު މަޤާމެއްކަމަށް ގަބޫލުފުޅުކުރެއްވޭތީ އެ ފުރުސަތު ފަހިކޮށްދެއްވީ ކަމަށްވެސް ކުރީގެ އެސްޖީ ވަނީ ފާހަގަކުރައްވާފައެވެ.

