
ވެނަޒުއޭލާއަށް ކުރިމަތިވި ބިންހެލުމުގެ ކާރިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު، ވެނުޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފާޅުކުރައްވައި ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔާ އެކު ކަމަށެވެ.
އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވެނެޒުއޭލާގެ ވަގުތީ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ރައްދުކުރައްވައިފައެވެ. އަދި އެހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިހުލާސްތެރި ހަމްދަރުދީ ފޮނުއްވައި، އެ ދަތި އަދި ހިތާމަވެރި ދަނޑިވަޅުގައި އެ ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުޢާކުރައްވައިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، އެ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އަދި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ވެނެޒުއޭލާއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު މިހާރު އަންދާޒާކުރެވިފައިވާ ގޮތުން އެތައް ހާސް ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެ ގައުމުގެ ރެސްކިޔު އޮޕަރޭޝަނުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

