
ވީޑިއޯކްލަބްގައި މިވަގުތު އެންމެ ބޮޑަށް ޓްރެންޑް ވަމުންދާ ފިލްމު “ލިލީ” ގެ ޓީމުން، އެ ފަރާތްތަކުގެ ކުރިއަށް އޮތް މަސައްކަތް ކަމަށްވާ “މިޝަން ޖޭޖޭ” ގެ ޝޫޓިންގއަށް ލ. ގަމަށް ގޮސް، އެރަށު އަތިރިމަތީގައި މިއަދު “ހިތް ކަތިލިޔޭ” ގެ ހާއްސަ މަންޒަރެއް އަލުން ކުޅެފިއެވެ.
“ހިތްކަތިލިއެ”އަކީ ކްރިއޭޓިވް ނެޓްވޯކުން އުފެއްދު ދިވެހި ފިލްމު ލިލީގެ ލަވައެކެވެ. މިލަވައިގައި އުޅެފައިވަނީ މަޝްހޫރު ފިލްމީތަރިން ކަމަށްވާ އައިޝާ އާއި ޝާރިފްއެވެ. މިފަހަރު މި ލަވަ ކުޅެފައިވަނީ މިޝަން ޖޭޖޭގެ ކާސްޓުންނެވެ. ނަމަވެސް އެއީ ކޮންބައެއްކަމެއް ބުނެފައެއް ނުވެއެވެ. ބެލުންތެރިންނަށް ވަނީ ކާސްޓުން ގެސްކުރަން ހުޅުވާލާފައެވެ.
”ލިލީ” ފިލްމު ފުރަތަމަ އައީ އޮލިމްޕަސް ސިނަމާއަށެވެ. އޭގެ ފަހުން ގިނަ ބައެއްގެ އެދުމުގެ މަތިން ފިލްމު ވަނީ މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމް ވީޑިއޯ ކްލަބަށް ދޫކޮށްލައިފައެވެ. މި ފިލްމަކީ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފުރިހަމަ އުފެއްދުމަކަށް ވާއިރު، ވީޑިއޯކްލަބްގެ އެންމެ ކުރީގައި ނުވަތަ ޓްރެންޑިންގ ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ “ލިލީ” ކަން ފާހަގަކޮށްލެވެއެވެ. ފިލްމުގެ ވާހަކައާއި، ތަރިންގެ މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ތަރުހީބު މި ފިލްމަށް އަންނަނީ ކެނޑިނޭޅި ލިބެމުންނެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ޕްލެޓްފޯމުގައި އެންމެ ހަލުވިކަމާއެކު އެއްވަނައަށް އެރި އެއް ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.
މި ކާމިޔާބީގެ އުފާ ފާހަގަކުރަމުން، ފިލްމުގެ ޓީމުން މިހާރު ވަނީ އެ ފަރާތްތަކުގެ ކުރިއަށް އޮތް ބޮޑު މަސައްކަތަށް އަމާޒު ހިފާފައެވެ. އެގޮތުން، “ޕްރޮޖެކްޓް ޖޭޖޭ” ގެ ނަމުން ނަންދީފައިވާ މި އައު ޕްރޮޖެކްޓްގެ މަސައްކަތަށް، ކާސްޓުންނާއި ކްރޫގެ މެމްބަރުން މިވަގުތު ތިބީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ލ. އަތޮޅު ގަމުގައެވެ. ގަމުގެ ހިތްގައިމު މާހައުލުގައި އައު ޕްރޮޖެކްޓްގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވަނީ އެނގިފައެވެ. ނަމަވެސް “ޕްރޮޖެކްޓް ޖޭޖޭ” އާ ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ޝޫޓިންގގެ ބުރަ މަސައްކަތުގެ ތެރެއިންވެސް، ޓީމުން މިއަދު ވަނީ އާންމުންގެ ސަމާލުކަން އަތުލައިގަންނަ ފަދަ ހާއްސަ ކަމެއް ކޮށްފައެވެ. އެގޮތުން، ގަމުގެ ރީތި ހުދު ދޮންވެލި އަތިރިމަތީގައި، ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދާފައިވާ “ހިތް ކަތިލިޔޭ” ގެ މަންޒަރެއް އެ ޓީމުން ވަނީ ވަރަށް ފުރިހަމައަށް އަލުން ކުޅެފައެވެ. މި މަންޒަރު ކުޅެފައިވަނީ އަސްލާ އެއްގޮތްވާ ގޮތަށް، ވަރަށް ޝައުގުވެރި ގޮތަކަށެވެ. މިއީ ޝޫޓިންގގެ ވަރުބަލިކަން ފިލުވާލުމުގެ ގޮތުންނާއި، ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން ކޮށްފައިވާ މަޖާ ހަރަކާތެއްކަމަށް ބެލެވެއެވެ.
ވީޑިއޯކްލަބްގައި “ލިލީ” އެއްވަނައިގައި ޓްރެންޑް ވަމުންދާއިރު، މިއަދު ކުޅުނު “ހިތް ކަތިލިޔޭ” ގެ މަންޒަރާއެކު، ކުރިއަށް އޮތް “ޕްރޮޖެކްޓް ޖޭޖޭ” އަށް ބެލުންތެރިން ކުރާ އުންމީދު ވަނީ އިތުރަށް ބޮޑުވެފައެވެ. މި ކާމިޔާބީގެ ސަބަބުން ޓީމަށް ލިބިފައިވާ ހިތްވަރާއެކު، ކުރިއަށް އޮތް ޕްރޮޖެކްޓްވެސް ވެގެންދާނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ އުފެއްދުމަކަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

