
ވިލިމާލޭގައި ބޭންކް އޮފް މޯލްޑިވްސްއިން ތަރައްޤީކުރާ 300 ހައުސިންގ ޔުނިޓްގެ ތެރެއިން އެއް ޓަވަރު އަޅަން ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ބޮޑެތި ފުނަގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ހިމާޔަތްކުރުމަށްޓަކައި، އެ ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި، ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ މި ނިންމެވުމުގެ ސަބަބުތައް ސާފުކޮށްދެއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވެރިރަށް މާލެ ސަރަޙައްދުގައި ހުސް ބިންތަކާއި ޕާކުތައް މަދުވުމުގެ ސަބަބުން، ވަރަށް ގިނަ ޢާއިލާތަކަށް ދިރިއުޅެން މަޖުބޫރުވެފައި ވަނީ ނުހަނު ދަތި އަދި ތޮއްޖެހިފައިވާ މާޙައުލެއްގައެވެ. ބޯހިޔާވަހިކަމުގެ މި ނާޒުކު މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ވާއިރު، މާލެ ސަރަޙައްދުން ހިއްކާފައިވާ ބިންތައް ގޯތީގެ ގޮތުގައި ދޫކޮށްފައިވުމުން، ފްލެޓް އެޅުމަށް ބިން ނުލިބުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތްކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމައެހެންމެ އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމީވެސް ދެބަސްނުވެވޭނެ ޙަޤީޤަތެކެވެ. އެހެންކަމުން އެ އާއިލާތަކަށް… pic.twitter.com/WNVdwRaqDG
— Abdulla Muththalib (@muththo) April 26, 2026
މިދިޔަ މަހު ބިންގާ އަޅާފައިވާ މި 300 ހައުސިންގ ޔުނިޓުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާއެވެ. 17 ފަންގިފިލާގެ 3 ޓަވަރު ހިމެނޭހެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް 2028ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސިޔާސަތުގެ ދަށުން ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ހިންގާ ބޮޑު މަޝްރޫޢެއްގެ ބައެކެވެ. އެ ކުންފުނިން ޖުމްލަ 3،260 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ރާވާފައިވާއިރު، މީގެ ތެރޭގައި ވިލިމާލޭގެ 300 ޔުނިޓާއި، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ 2،700 ޔުނިޓް ހިމެނެއެވެ.

