
ވާލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026″ގެ އޮފިޝަލް ޓްރާންސްޕޯޓޭޝަން ޕާޓްނަރެއްގެ ގޮތުގައި ޖަލްބޫޓް ހަމަޖައްސައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން އެކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އަދި ޖަލްބޫޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސާވިސަސް، ޝެރަން އޮސްޓިންއެވެ.
މި އެއްބަސްވުމުގެ ދަށުން، މި ޝަރަފުވެރި ހަފްލާއާއި އެ ހަފްލާގެ ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދޭނީ އޮފިޝަލް ޓްރާންސްޕޯޓޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ޖަލްބޫޓުންނެވެ. ކަނޑުގެ ދަތުރުފަތުރުގެ ދާއިރާގައި ޖަލްބޫޓަށް ލިބިފައިވާ ތަޖުރިބާއާއި އޮޕަރޭޝަނަލް ގާބިލުކަމާ އެކު، ބައިވެރިންގެ ދަތުރުފަތުރުގެ ކަންކަން އަމާންކަމާ އެކު އިންތިޒާމުކޮށް ބެލެހެއްޓުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. މިއީ ފަތުރުވެރިކަމާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާގެ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް ވީ.އެމް.ސީން ފާހަގަކުރެއެވެ.
ވާރލްޑް ޓްރެވަލް އެވާރޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ ބޮޑު ހަރަކާތެކެވެ. މިގޮތުން، މި އެވޯޑުގެ އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކުރުމަށާއި، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކުރުމުގެ އިތުރުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

