
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. އަދި އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ ޝަރީޢާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައެވެ. މިއާ އެކު، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަކީ ޤާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ، 2020ވަނަ އަހަރު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ.

