
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަންގައި ކޯޓުއަމުރެއްގެ ދަށުން ސ. މަރަދޫއިން ހައްޔަރުކުރީ ސ. މަރަދޫ / ފާގަތި، އަބްދުﷲ އުމަރު (58އ)އެވެ.
ފުލުހުން ބުނި އުމަރުގެ ގެ ފުލުހުން ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65އައިޓަމެއް ފެނުނު ކަމަށެވެ.
އެ ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށްނަގައިގެން ވިއްކާފައިވާ ތަކެތި ކަމަށާއި އޭގެ ތެރޭގައި، ޕަވަރ ޓޫލް، ކާޗާ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރުވަނީ ވެރިފަރާތްތަކާ ހަވާލު ވެސް ކޮށްފައެވެ.
އެ މައްސަލައިގައި އުމަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ވަގަށްނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ އަދި ނުއަގުގައި ތަކެތި ވިއްކާނަމަ ފުލުހުންނަށް އެކަން އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

