
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހާތަނަށް 80،000އަށް ވުރެ ގިނަ ފަސެންޖަރުން އުފުލައިފިއެވެ.
މޯލްޑިވިއަންގެ ފްލީޓަށް 264ޖާގައިގެ ވައިޑް ބޮޑީ އެއާ ކްރާފްޓެއް ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި ބައިނަލްއަގުވާމީ އެކި މަންޒިލްތަކަށް އެ ބޯޓުގައި މިހާރު ދަނީ ދަތުރުތައް ބާއްވަމުންނެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އިޔާސް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ދަތުރުތައް ވަރަށް ކާމިޔާބު ކަމަށާއި އެހާ ކުރުމުއްދަތެެއްގެ ތެރޭގައި މިހާ ބޮޑުކުރި އެރުމެއް ލިބުމަކީ ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރިއަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
“މިހާތަނަށް ކުރި މި ހުރިހާ ދަތުރުތަކުގެ ޖުމްލަ އެއްކޮށްލައިގެން ގާތްގަނޑަކަށް 80،000އަށް ވުރެ ގިނަ ފަސެންޖަރުން މިވަނީ ހަމަ މި ވައިޑް ބޮޑީ އެއާ ކްރާފްޓުން މިވަނީ ހިދުމަތް ހޯދައިފައި”އިޔާސް ވިދާޅުވިއެވެ.
އޭގެ އިތުރުން 1800އަށް ވުރެ ގިނަ ޓަނުގެ މުދާ ވައިޑް ބޮޑީ އެއާ ކްރާފްޓުގައި އުފުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“މޯލްޑިވިއަން”އިން މިހާރު ވަނީ އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓާ އެކު، މިއަހަރުގެ ފަހުކޮޅު ރަޝިޔާ އަދި ދެކުނު ކޮރެއާއަށް ސީދާ ދަތުރުތައް ފެށުމަށް ވެސް ނިންމައިފިއެވެ.

