
އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ނޭވީ މަނަވަރު، މިއަދު ހުޅުމާލޭ ބަނދަރަށް ގެނެސްފިއެވެ.
އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން ރާއްޖެއަށް ކުރި މި ދަތުރަކީ ދިވެހި ސިފައިންގެ ތާރީޚުގައި ވެސް ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރެވެ. ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓަކާއި ޚާއްޞަ ވޯޓަރ ސެލިއުޓަކާ އެކު ހުޅުމާލެއަށް މި އުޅަނދު ވަނުމާ އެކު، މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ. އުޅަނދު ބަނދަރުކުރުމާ އެކު މި ދެ ބޭފުޅުން ވަނީ މަނަވަރަށް އަރައިވަޑައިގެން އެ އުޅަނދު ބައްލަވާލައްވާފައެވެ.
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ދިވެހިރާއްޖެއަށް ގެނެސްފި. މި އުޅަނދު ހުޅުމާލެ ބަނދަރަށް އައުމުން މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ.https://t.co/5QBbQxThbD pic.twitter.com/a9MQKuXnQQ
— Maldives National Defence Force (@MNDF_Official) June 15, 2026
ދިފާއީ ބާރުން މަޢުލޫމާތު ދޭގޮތުގައި، މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ޤާބިލުކަން ދެގުނައަށް އިތުރުކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށް އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެވުނު މުހިންމު މަސައްކަތްތަކެއްގެ ނަތީޖާއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ދައްކުވައިދޭ، އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ތެރެއިން ލިބުނު އެހީތެރިކަމެކެވެ.
އޮސްޓްރޭލިއާގެ އޮސްޓަލް ލިމިޓެޑުން ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އުޅަނދު ރާއްޖެ ގެނައުމުގެ ކުރިން، ދިވެހި ސިފައިން ވަނީ އެ ޤައުމުގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޕްރޮގްރާމްތަކެއް ފުރިހަމަކޮށްފައެވެ.

