
ޖުލައި މަހާ އަޅާބަލާއިރު މާލޭގެ ޒަރޫރީ މުދަލުގެ އަގުތައް މިދިޔަ އޮގަސްޓު މަހު ވަނީ %1.42 އުފުލިފައެވެ.
ފާއިތުވި 2025ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މާލޭގެ އަހަރީ އިންފްލޭޝަން ވަނީ %6.26އަށް ބޮޑުވެފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް)އިން އާންމުކޮށްފައިވާ އޮގަސްޓް 2026ގެ އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ދައްކާގޮތުން ކާބޯތަކެތީގެ ބަޔަށް ބަލާއިރު، މިދިޔަ މަހު ވަނީ %1.72ގެ އުފުލުމެއް އައިސްފައެވެ. މިގޮތަށް އަގުތައް އުފުލުމަށް އެންމެ ބޮޑަށް މެދުވެރިވީ މޭވާގެ ބާވަތްތައް (%3.50) ކިރާއި ބިހުގެ ބާވަތްތައް (%2.93) އަދި ތަރުކާރީގެ ބާވަތްތަކުގެ (%1.59) އަގުތައް އުފުލުމާ ގުޅިގެންނެވެ.
ފާއިތުވި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ކާބޯތަކެތީގެ އަގުތައް ވަނީ %5.93 އުފުލިފައެވެ. އަހަރުން އަހަރަށް ބަލާއިރު އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ އެއްގަމު މަހުގެ ބާވަތްތަކުންނެވެ. އެގޮތުން އެއްގަމު މަހުގެ އަގު ވަނީ %23.13 އުފުލިފައެވެ. މީގެ އިތުރުން ކިރާއި ބިހުގެ ބާވަތްތައް %12.10 އުފުލިފައިވާއިރު، ހަކުރާއި ޗޮކްލެޓް ފަދަ ބާވަތްތަކުގެ އަގުތައް ވަނީ %11.43 އުފުލިފައެވެ.
ބުއިންތަކާއި އެހެނިހެން ބާވަތްތައް
ބުއިންތަކުގެ އަގުތައް ޖުލައި މަހާ އަޅާބަލާއިރު %0.50 އުފުލިފައިވާއިރު، އަހަރުން އަހަރަށް ވަނީ %6.52 އުފުލިފައެވެ. މަހުން މަހަށް ބަލާއިރު އެންމެ ބޮޑަށް އަގު އުފުލުނީ ކޮފީގެ ބާވަތްތަކުން (%1.55)، މޭވާ ޖޫހުން (%1.25)އެވެ. އަދި ގޭހާއި އެހެނިހެން ތެލުގެ ބާވަތްތަކުގެ އަގުތަކަށް ޖުލައި މަހާ އަޅާބަލާއިރު ބަދަލެއް އައިސްފައި ނުވި ނަމަވެސް، ފާއިތުވި އަހަރާ އަޅާބަލާއިރު ވަނީ %14.54 ބޮޑުވެފައެވެ. މީގެ އިތުރުން އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ (ޕާސަނަލް ކެއާ) އަގުތައް ޖުލައި މަހާ އަޅާބަލާއިރު %1.17 އުފުލިފައިވާއިރު، އަހަރުން އަހަރަށް ބަލާއިރު މިއަދަދު ހުރީ %3.59 ގައެވެ.

