
އޭޑީބީގެ މެންބަރަކަށްވިފަހުން އެ ޖަމިއްޔާއިން ރާއްޖެއަށް ދިން އެހީގެ ޖުމްލަ އަދަދު 556 މިލިއަން ޑޮލަރަށް އަރައިފިއެވެ.
އޭޑީބީގެ ރިޕޯޓުގައިވާ ގޮތުން، 1978ވަނަ އަހަރު ރާއްޖެ އޭޑީބީގެ މެންބަރަކަށްވީ ފަހުން މިހާތަނަށް ސަރުކާރު ހިއްސާވާ ދާއިރާތަކަށް ޖުމްލަ 121 ލޯނާއި، ގްރާންޓް އަދި ޓެކްނިކަލް އެސިސްޓެންސް ކޮމިޓްކޮށްފައިވެއެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް (ޕްރައިވެޓް ސެކްޓަރ) ދޫކޮށްފައިވާ ފައިސާގެ ތެރެއިން ނުދައްކާ ހުރި ބާކީއާއި އަދި ދޫނުކޮށް ހުރި ކޮމިޓްމަންޓްތަކުގެ ޖުމްލަ އަދަދު 23.32 މިލިއަން ޑޮލަރަށް އަރައެވެ.
އޭޑީބީގެ އެހީ އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށެވެ. އެގޮތުން ހަކަތައިގެ ދާއިރާގެ 20 މަޝްރޫއަކަށް 136.34 މިލިއަން ޑޮލަރު ކޮމިޓްކޮށްފައިވެ އެވެ. ދެން އެންމެ ބޮޑު އެހީއެއްދީފައި ވަނީ ޕަބްލިކް ސެކްޓަރ މެނޭޖްމަންޓް (35 މަޝްރޫއަކަށް 130.64 މިލިއަން ޑޮލަރު) އަދި ފެނާއި ނަރުދަމާ ހިމެނޭހެން އާބަން އިންފްރާސްޓްރަކްޗާ ދާއިރާއަށެވެ. (9 މަޝްރޫއަކަށް 124.64 މިލިއަން ޑޮލަރު)
މިހާރު ރާއްޖޭގައި ހިނގަމުންދާ ޕަބްލިކް ސެކްޓަރ ޕޯޓްފޯލިއޯގައި 253.3 މިލިއަން ޑޮލަރުގެ 5 ލޯނަކާއި 10 ގްރާންޓެއް ހިމެނެއެވެ. މީގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ގްރިޑްތައް އަޕްގްރޭޑްކުރުމާއި، ތިމާވެށީގެ ރައްކާތެރިކަމާއި ފެންބޮޑުވުމުން ރައްކާތެރިވުމުގެ މަޝްރޫއުތަކުގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިޔާވަހިކަން ފޯރުކޮށްދިނުން ފަދަ އިޖުތިމާއީ ކަންކަން ހިމެނެއެވެ.
އޭޑީބީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިންސާނީ ވަސީލަތްތައް މަދުވުމުގެ ސަބަބުން މަޝްރޫއުތައް ރޭވުމާއި ހިންގުމުގައި ގޮންޖެހުންތަކެއް ކަމަށާއި، އެކަމަށް އެހީތެރިވުމަށް ޓެކްނިކަލް އެސިސްޓެންސް ފޯރުކޮށްދެމުންދާނެއެވެ. ކުރިއަށް އޮތް ތަނުގައި އޭޑީބީގެ އެހީތެރިކަން ބައްޓަންކުރާނީ ރާއްޖޭގެ 2040ގެ ދިގު މުއްދަތުގެ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމާއި މާލީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށެވެ.

