
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ދިރާސާ ރިޕޯޓެއްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނަން ހިމަނައިގެން ކުރެވިފައިވާ ބޮޑެތި ތުހުމަތުތަކަކީ އޮޅުމަކުން ހިމެނިފައިވާ ބައެއްކަން ފާހަގަކޮށް، އެ ކޮމިޝަނުން އެ ރިޕޯޓު އިސްލާހުކޮށްފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން ފާތިމަތު އިބްނާ ވަނީ، އެ ރިޕޯޓަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ހެދި ތަހުގީގެއް ނޫންކަން ކަށަވަރުކޮށްދެއްވާފައެވެ. ކުރިން އާންމުކުރި ރިޕޯޓުގައި، ބައިނަލްއަގުވާމީ އިދާރާތަކުންނާއި ދައުލަތުން ދޫކުރާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާކަމަށާއި، އިންތިޚާބުތަކުން މޮޅުވުމަށް ކުލަބުތަކަށް ރިޝްވަތު ބަހާކަމުގެ އިތުރުން ވެރިންގެ އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކުރާކަމަށް ބުނެފައިވާ ބައިގައި އެމްއޯސީ އާއި އެފްއޭއެމްގެ ނަން އޮތީ ސީދާކޮށް ހިމަނާފައެވެ. ނަމަވެސް، އަލަށް އިސްލާހުކުރި ރިޕޯޓުގައި އެ ނަންތައް އުނިކުރުމަށްފަހު ބޭނުންކޮށްފައި ވަނީ އާންމުކޮށް ކުޅިވަރު ޖަމުއިއްޔާތަކަށް ނިސްބަތްވާ ފަދަ އިބާރާތެކެވެ.
އެމްއޯސީގެ ނަން ފުރަތަމަ ނެރުނު ރިޕޯޓުގައި ހިމެނިގެންދިޔަ ގޮތް ތަފްސީލުކޮށްދެއްވަމުން އިބްނާ ވިދާޅުވީ، އެއީ މީގެ ކުރިން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއްގައި ބޭނުންކޮށްފައިވާ އިބާރާތްތަކެއް އެގޮތަށް ލިޔެވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ. އަދި އެއީ އޭސީސީން ކުރިން ބަލައި، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭކަން ސާބިތުވުމުން ފައިލްކޮށްފައިވާ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއާއެކު، އެއްވެސް ފަރުދެއްގެ ނުވަތަ އިދާރާއެއްގެ ޒާތީ މައުލޫމާތު މިފަދަ ދިރާސާތަކުގައި އާންމު ނުކުރުމަކީ ކޮމިޝަނުން ގެންގުޅޭ އުސޫލުކަމަށް ވުމާ އެކު، މިހާރު ވާނީ ކުށް ރަނގަޅުކޮށް އައު ރިޕޯޓު ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
އޭސީސީގެ ރިސަރޗް އެންޑް ޕޮލިސީ ސެކްޝަނުން ދެ އަހަރު ދުވަހުގެ މަސައްކަތުން ނެރުނު 23 ސަފުހާގެ މި ދިރާސާގެ އަސްލު ބޭނުމަކީ ކުޅިވަރުގެ ނިޒާމުގައި ހުރި ބާގަވަތްތައް ހޯދައި ދެނެގަތުމެވެ. އޭގެ ތެރޭގައި، ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުއިއްޔާތަކުން ފައިސާ ހޭދަކުރާ ގޮތާއި، މުދާ ބަލަހައްޓާ ނިޒާމުގެ އިތުރުން ގާނޫނީ އޮނިގަނޑުތައް ރޭވިފައިވާ ގޮތް ދިރާސާކޮށް، ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން ހިމެނެއެވެ.

