
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެންމެހާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފްލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން މަރާމާތުކުރަން ބޭނުންވާ ފަރާތްތަކުން އެހީއަށް އެދެން އެ ކުންފުނިން ހުޅުވާލައިފިއެވެ.
ފަހަކަށް އައިސް ފްލެޓުތަކުން ވެއްޓި ކުޑަކުދިންގެ ފުރާނައަށް ގެއްލުން ފަދަ ހިތާމަވެރި ހާދިސާތައް ހިނގާމިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12ވަނަ ބުރިން، ދެ އަހަރުގެ ކުއްޖަކު ވެއްޓި މިދިޔަ އަންގާރަ ދުވަހު ވަނީ ނިޔާވެފައެވެ.
އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފްލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިން ފަދަ ތަންތަން މަރާމާތުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެގޮތުން ގޫގަލް ފޯމެއް މެދުވެރިކޮށް އެހީއަށް އެދެވޭނެ ކަމަށް ވެސް ބުންޏެވެ.
މަރާމާތުކުރުމަށް އެދި ހުށަހަޅާ ފޯމުތަކާ ގުޅިގެން އެ ކޯޕަރޭޝަންއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރަން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

