
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަވާ ޔޫސުފް ވަހީދު، މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިހާރު ވަނީ ރަސްމީކޮށް ޔަގީންކޮށްދީފައެވެ. އެ ބޯޑުން ހާމަކޮށްފައިވާ ގޮތުގައި، ޔޫސުފް ވަހީދު މަގާމުން ދުރުކުރުމަށް ނިންމި ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.
ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޗްޑީސީގެ ބޯޑަށް އައްޔަނުކުރެއްވި ޔޫސުފް ވަނީ މީގެކުރިން ވެސް ސަސްޕެންޝަނަކާ ކުރިމަތިލައްވާފައެވެ. އެގޮތުން، މިދިޔަ 2024ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ބޯޑާ ގުޅޭގޮތުން ބެލި މައްސަލައެއްގައި އޭރުގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދާ އެކު ބޯޑުގެ ހުރިހާ މެންބަރުން ވަގުތީގޮތުން ސަސްޕެންޑްކުރިއެވެ. ނަމަވެސް، އޭގެ ހަތަރު ދުވަސް ފަހުން ޕީސީބީން ވަނީ އެ ފިޔަވަޅު ބާތިލުކޮށްފައެވެ.

