
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ތެރޭގައި ހަމަވާތީ، އެ ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ދައުލަތުގެ އެންމެ އިސްވެރިޔާ ފޮނުއްވާފައި ވަނީ ގދ. ތިނަދޫ އަސޭގެ، އަލްއުސްތާޛާ ސަމާޢު އަޙްމަދު ނަޖީބުގެ އިތުރުން މާލޭގެ ހ. މީނާޒު، ޝަމްއޫން ޙަމީދުގެ ނަންފުޅެވެ. މީގެ ތެރެއިން ސަމާޢު އަކީ މިވަގުތު ވެސް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ދައުރު އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހަށް ނިމުމަކަށް އަންނާނެއެވެ.
ރައީސް ހުށަހެޅުއްވި އަނެއް ކެންޑިޑޭޓް، ޝަމްއޫން ޙަމީދަކީ މީގެ ކުރިން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި އެހެނިހެން އިސް ޒިންމާތަކެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ ފާއިތުވި ޖުލައި މަހުގެ ތެރޭގައެވެ. މަޖިލީހަށް ފޮނުއްވާފައިވަނީ އެ މުއްދަތުގައި ފޯމު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ދެ ނަމެވެ.
ކޮމިޝަނަށް އައްޔަންކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި، ރައީސް ފޮނުއްވި ދެ ނަންފުޅު ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއާ ހަވާލުކޮށްފައެވެ. މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ކޮމިޝަނުގެ ގޮނޑިއެއް ކަށަވަރުވާނީ ކޮމިޓީގެ ދިރާސާއަށް ފަހު، މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

