
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުކަމުގެ މަގާމަށް، ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޝަމްޢޫން ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 57 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށް ފަހު، ޝަމްޢޫނަށް ވަނީ 92 އިންސައްތައިގެ މާކްސްއެއް އަރުވާފައެވެ. އޭނާއަށް ރުހުން ދިނުމަށް ފެންނަކަމަށް މަޖިލީހުގެ ތަޅުމުން މިއަދު ގޮތް ނިންމާފައި ވަނީ ކޮމިޓީގެ މި ނިންމުމަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
އެޗްއާރުސީއެމްގެ މެންބަރެއްގެ ދައުރު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ ފާއިތުވި ޖުލައި މަހުގެ ތެރޭގައެވެ. އެ ފުރުސަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ދެ ނަންފުޅެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވިއެވެ. އެއީ ޝަމްޢޫންގެ ނަންފުޅުގެ އިތުރުން، މިހާރު ވެސް އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި ސަމާއުގެ ނަންފުޅެވެ.
މިއަދު މަޖިލީހުން ރުހުންދިން ޝަމްޢޫން ހަމީދަކީ 1986ވަނަ އަހަރުން ފެށިގެން ދައުލަތުގެ ތަފާތު އެކި ފަންތީގެ މަގާމުތައް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭގެ ތެރޭގައި އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި އެހެނިހެން އިސް ޒިންމާތައް ވެސް އޭނާ ފުރުއްވާފައިވެއެވެ.

