
ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޑިޓް ނުވަތަ ލޯނުތަކުގެ މިންވަރު މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 16އިންސައްތަ ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިއީ އޭގެ ކުރީ މަސް (މާޗް 2026)ގައި ރެކޯޑުކުރެވުނު 14އިންސައްތައިގެ ކުރިއެރުމާ އަޅާބަލާއިރު އިތުރުވުމެކެވެ. މިގޮތުން މި މުއްދަތުގައި ޖުމްލަ 34ބިލިއަން ރުފިޔާގެ ލޯނު ދީފައިވެއެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ހުރިހާ ދާއިރާތަކަކަށްވެސް ބޭންކުތަކުން ލޯނު ދޫކުރި މިންވަރު އޭޕްރީލް މަހުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އިމާރާތްކުރުމާއި، ފަތުރުވެރިކަމާއި، އަމިއްލަ ފަރުދުންނަށް ދޫކުރާ ލޯނުތަކުގެ އިތުރުން ރިއަލް އެސްޓޭޓް އަދި ވިޔަފާރީގެ ދާއިރާއެވެ.
އޭޕްރީލް މަހުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ރެކޯޑުކޮށްފައިވަނީ އިމާރާތްކުރުމުގެ ދާއިރާއިންނެވެ. މި ދާއިރާއަށް ދޫކުރި ލޯނުތަކަށް އަހަރީ ގޮތުން 20އިންސައްތައިގެ ބޮޑު ކުރިއެރުމެއް ވަނީ އައިސްފައެވެ. އެންމެ ބޮޑު ހިއްސާއެއް ފަތުރުވެރިކަމަށް ބޭންކުތަކުން އަމިއްލަ ދާއިރާއަށް ދޫކުރާ ޖުމްލަ ލޯނުގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެއީ ޖުމްލަ ކްރެޑިޓްގެ 34އިންސައްތައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުތައް އިތުރުވުމަށް މައިގަނޑު ގޮތެއްގައި މެދުވެރިވީ އަލަށް ރިސޯޓުތައް ތަރައްގީކުރުމަށާއި، މިހާރު ހިންގަމުންދާ ރިސޯޓުތައް މަރާމާތުކުރުމަށާއި (ރެނޮވޭޝަން)އަދި ގެސްޓްހައުސްތައް ތަރައްގީކުރުމަށް ބޭންކުތަކުން ދޫކުރި ލޯނު އިތުރުވުމާ ގުޅިގެންނެވެ.

